ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
2 މޭ 2024 ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ބައޯމެޓްރިކްސް ނަގަން ފަށާފައިވާއިރު، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މާލެ ސަރަހައްދާއި ބައެއް ސިނާޢީ މަސައްކަތް ކުރާ ތަންތަނުގެ އިތުރަށް ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި ރަށްރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ނެގޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރެއްވި މަަޢުލޫމާތަށް ބަލާއިރު މިހާތަނަށް 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސްވަނީ އަދާހަމަކޮށްފައެވެ. މި މަޢުލޫމާތުތައް އެއްކުރުމުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން 2 ވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ބިދޭސީންގެ މަޢުލޫމާތުތައް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ޤަވާއިދުގެތެރެއަށް ވަނުމަށް އިތުރު ފުރުޞަތެއް ފަހިކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމު ހަރުދަނާކުރުންވެސް ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް