މަތިވެރީގައި ތަރައްޤީކުރާ އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ބައްދަލުވުމުގައި އއ.މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ޙަވާލުކުރެވޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް އާއެވެ. މި މަޝްރޫއަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރަށާއި ގުޅިގެން ރަށުގެ އެކި ކަންކަމަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިންހިއްކުމާއި އެކު އެއާޕޯޓް ތަރައްޤީކުރުމަށް ހަމަޖަހިފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށެވެ. ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގެ ހުރިހާ މަސައްކަތާއި އެކު މުޅި ޕްރޮޖެކްޓް ދެއަހަރާއި ބައި ތެރޭގައި ނިންމާ އެއާޕޯޓް ހުޅުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ދެއްވިއެވެ.
ރަށުގެ ސްކޫލާއި ޞިއްހީ މަރުކަޒުގެ މަސައްކަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްކޫލްގެ މަޝްރޫޢު ދިރާސީ އައު އަހަރަށް ނިންމާ ބޭނުން ކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޞިއްހީ މަރުކަޒުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވީ ނަމަވެސް މަސައްކަތް ހަވާކުރި ފަރާތުން އެއްކޮށް މަސައްކަތް ނިންމުމުގައި ލަސްވަމުންދާތީ އެމަސައްކަތް އެހެން ބަޔަކާއި ޙަވާލުކޮށްގެން މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން ޞިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށްގެން މިހާރު ޚިދުމަތްދެވޭ ފެންވަރަށްވުރެ އިތުރަށް އަޕްގްރޭޑްކޮށްގެން، އިތުރު ޚިދުމަތް ދެވޭގޮތަށް ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ މައި މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވާނޭ ކަމަށާއި، ހޭންޑް ބޯލް ކޯޓެއް މިއަހަރު މަތިވެރީގައި ހެދުމަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި މަތިވެރީ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން މަތިވެރި ކައުންސިލާ ވަނީ ހަވާކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރީ އިޚްތިސާސްގެ ތެރޭގައި ހިމަނާފައިވާ ފިނޮޅުގައި ސިޓީ ހޮޓަލެއް ކައުންސިލުން އިއުލާންކޮށްގެން ކުރިއަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިރޭވަނީ ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއި އަދި ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކާއި ޑަބްލިޔުޑީސީ މެމްބަރުން ހޮވުމުގައި ގެންނަ އިސްލާޙްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ޤާނޫނު އަސާސީ ގެންނަ އިސްލާހާއި އެކު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ދާއިރު، އަތޮޅު ކައުންސިލަށް ވޯޓު ލާން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް