މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް" ކުންފުނި އުފެއްދުމުގެ މަގުފަހިކޮށްދީ ބާރު ދިނުމަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެގޮތުން މި ބިލު ފާސްކުރީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހުގެ ދަށުން ޕޭމަންޓު ސިސްޓަމްތައް ހިންގުމަށާއި ޕޭމަންޓު ހިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫން ވެސް ގާނުނީ ޝަހުސުތައް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ލިބިދީ، ޕޭމަންޓު ހިދުމަތްތައް ސޮލިސިޓް ކުރުން މަނާކޮށް އަދަބު ކަނޑައެޅުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމަނަން ވަނީ ހިމަނައިފައެވެ.
އަދި އެމްއެމްއޭއަށް ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމަށްޓަކައި ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއެއް އުފެއްދުމުގެ ބާރު މި އިސްލާހުގެ ދަށުން ލިބޭނެއެވެ. ނުވަތަ އެފަދައިން އުފައްދާފައިވާ ކުންފުންޏެއްގެ ނުވަތަ ޖޮއިންޓްވެންޗާއެއްގެ ހިއްސާދާރާކަށް ނުވަތަ ޕާޓްނާޝިޕެއްގެ ބައިވެރިއަކަށް ވެވިދާނެއެވެ.
މި އިސްލާހަށް އަމަލުކުރަން ފަށަން ހުށަހަޅާފައިވަނީ ބިލު ފާސްވެ، ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް