ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް، ރާއްޖޭގއ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓާ އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެގޮތް މަގުފަހިކުރުމަށްޓަމައި "ޓޫރިޒަމް ޓްރަސްޓް ފަންޑު"ގެ ގަވާއިދު އެކުލަވާލައި ގެޒެޓްކޮށްފިއެވެ.
މިކަން ހާމަކޮށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ގަވާއިދުގެ މަގްސަދަކީ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމެވެ.
އަދި ފަންޑުގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާއި، އެހެނިހެން ކަންކަމުގައި ފައިސާއާމެދު އަމަލުކުރާނެ ގޮތް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނިންމުމެވެ.
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު އެކުލެވިގެންވާ ބައިތަކަކީ:
- ޓޫރިޒަމް މިނިސްޓްރީން ހިންގާ ފަތުރުވެރިކަމުގެ ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާއާއި އެ ނޫންވެސް ފައިސާ.
- ޓޫރިޒަމް ދާއިރާގައިވާ ހަރަކާތްތެރިވާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ގޮތުގައި ފަންޑަށް ދައްކާ ފައިސާ.
- ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ.
- އާންމުކޮށް އިއުލާނުކޮށްގެން ހުޅުވައިލާ ބިޑްތަކުގައި ޓްރެއިނިންއަށް ނަގާ ފައިސާ.
މި ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް، ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީންނެވެ. އަދި ފަންޑު ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެހެނިހެން ފަންޑުތަކާ ވަކިން ކަމަށް އެ ގަވައިދުގައި ވަނީ ބުނެފައެވެ.
އަދި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނީ މިނިސްޓްރީންނެވެ. އެ ކޮމިޓީގައި ހިމެނޭނީ މިނިސްޓަރު ކަނޑައަޅައި، އައްޔަނުކުރާ ހަތް މެންބަރެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް