މާލޭގެ ސުޕީރިއަރ ކޯޓުތަކާއި ސުޕްރީމް ކޯޓު އަދި ހައިކޯޓުތައް ވެސް ހިމެނޭހެން، މިއަހަރުގެ ޖޫން މަހުގެ 19އާ ހަމައަށް ބަލާއިރު 8،000 އަށްވުރެ ގިނަ މައްސަލަ ނުނިމި އެބަހުރި ކަމަށާއި އެހެންކަމުން އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށްގެން އެކަމަށް ހައްލެއް ނެތް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ޙުސެއިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ.
ރިޒާ މިހެން ވިދާޅުވީ، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ކޯޓުގައި މައްސަލަތައް ނުނިމި ދިގުލައިގެންދާ މައްސަލާގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް ވިދާޅުވީ، ވަރަށް ދުވަސްވީ މައްސަލަތައް ސުޕްރީމް ކޯޓުގައި މިހާރު ވެސް އެބަހުރި ކަމަށާއި ހާއްސަކޮށް މަރުގެ މައްސަލަތައް އެ ކޯޓުގައި ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.
ރޭގައި ދެއްކެވި ވާހަކައިގައި ރިޒާ ވަނީ ހައި ކޯޓުގެ އިތުރުން ސުޕީރިއާ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފާސްހިސާބު ހާމަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެގޮތުން ރިޒާ ވިދާޅުވީ:
° ހައި ކޯޓުގައި 981 މައްސަލަ (11 ފަނޑިޔާރުން)
° ކްރިމިނަލް ކޯޓުގައި 2،053 މައްސަލަ (11 ފަނޑިޔާރުން)
° ސިވިލް ކޯޓުގައި 4،072 މައްސަލަ (17 ފަނޑިޔާރުން)
° ފެމިލީ ކޯޓުގައި 214 މައްސަލަ (ހަތް ފަނޑިޔާރުން)
° ޖުވެނައިލް ކޯޓުގައި 21 މައްސަލަ (ތިން ފަނޑިޔާރުން)
° ޑްރަގް ކޯޓުގައި 1،330 މައްސަލަ (ތިން ފަނޑިޔާރުން)
ސުޕްރީމް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފާސް ހިސާބެއް ޖޭއެސްސީގެ ރައީސް ދެއްވާފައެއް ނުވެއެވެ.
”ގުޅިފައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ ގުނަވަނެއް އިހުމާލުވީ ކަމަށް ވީ ނަމަވެސް ޝަރީއަތްތަކަށް ބުރޫއަރާނެ. އަޅުގަނޑު މި ދަންނަވާ ގުނަވަންތަކުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ބަންޑާރަ ނައިބުގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ދިފާއީ ވަކީލުން މީގެ ތެރޭގައި ހިމެނޭ،“ ޖޭއެސްސީގެ ރައީސް ރިޒާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޒާ ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި އެ އެންމެންގެ ބައިވެރިވުން އެބައޮތެވެ. އޭގެ ތެރޭގައި ހެކިން ހާޒިރު ނުކުރެވުމާއި ތަރުޖަމާނުން ނުގެނައުން ފަދަ އެތައް ސަބަބެއް ހިމެނޭ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް