މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ، ހ. ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި އެކައުންޓުގައި ހުރި ފައިސާ (200ރ) ޓްރާންސްފަރ ކުރުވި މައްސަލައެއް ރޭ23:57 ހާއިރު ފުލުހުންނަށް ރިޕޯޓުކޯށްފައިވާކަމަށާއި މި ރިޕޯޓާއި ގުޅިގެން ފުލުހުން އެޓެންޑުވިއިރު، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބިކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެގެއަށް ފުލުހުން ވަންނަން އުޅުމުން ފުލުހުންނާ ކުރިމަތިލައި، މާރާމާރީ ހިންގާފައިވާކަމަށެވެ.
އެހެންކަމުން، ފުލުހުން ބާރުގެ ބޭނުންކޮށް، ފުލުހުންނަށް ހަމާލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ޙަސަން ލުޖައިން މުޙައްމަދު (23އ) އާއި މާލެ، ހ. ކަނޑުފިނިގެ، މުޙައްމަދު ޝަފީޢު (55އ) ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެމީހުންނަށް އަނިޔާވެފައިވާކަމަށާއި، އަދި ފުލުހަކަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައިކަމަށެވެ. އަދި އަނިޔާވުމާ ގުޅިގެން ހައްޔަރުކުރި މީހުންނަށާއި ފުލުސް އޮފިސަރަށް ފަރުވާދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށާއި، ފޭރުނު މައްސަލަ އާއި ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އެ ގޭ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރުވަނީ މީސްމީޑިއާގައި ދައުރުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް