މިދިޔަ މެއި މަހު ޖޫރިމަނާކުރި އަސްކޮއި އިން އަނެއްކާވެސް އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ މައްސަލާގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބަލަން ފަށައިފި އެވެ.
މިކަން ހާމަކޮށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން އޮތް ދުވަހު ނުފުރައި، ލަނޑުދީގެން އުޅޭ ކަމުގެ މައުލޫމާތު ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލުކަމަށް މިރޭ އިރާކޮޅުގައިވަނީ އައިސްފަ. މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 16, 2025
އަސްކޮއި ޓްރެވަލް ސާވިސްއަކީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ 2023 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ދީފައިވާ ކުންފުންޏެކެވެ.
މައުލޫމާތުލިބޭގޮތުގައި، އަސްކޮއިއިން ވަނީ އުމްރާގެ މަތިވެރި އަޅުކަމަށް ދިއުމަށް ފޮނި އުންމީދުތަކެއް ކުރަމުން އައި އެތައް ބައެއްގެ އަތުން ދުރާލައި ފައިސާ ނަގައި ފުރުމަށް ހަފުތާއަކަށް ވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެ ކަމަށް އަންގާފައެވެ. އެ މީހުން ފުރަން ހަމަޖައްސާފައި އޮތީ މި މަހު 24 ގަ އެވެ.
މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމި، ހަ މީހުންގެ އާއިލާއަކަށް ފަހު ވަގުތު ލަނޑުދީގެން، މިދިޔަ މެއި މަހު އިސްލާމިކް މިނިސްޓްރީން ވަނީ އެ އަސްކޮއި ޖޫރިމަނާކޮށްފަ އެވެ.
އެ ފަހަރު އަސްކޮއިއަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ. ފުރަން 10 ދުވަހަށް ވެފައި އޮއްވައި، ދަތުރު ކުރެވެން ނެތްކަން އެންގީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އޭރު އެ އާއިލާ ވެސް ތިބީ މާލެ އައުމުގެ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ.
އެހެންވެ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ އަސްކޮއި އިން ހިލާފުވެފައި ވާތީ 130،000ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން މިނިސްޓްރީން އެންގި އެވެ. އަދި އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް ދޭން ވެސް އެންގި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް