މާފަންނު ބަސް ޓާމިނަލް ކައިރިން ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަމަށެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު.
މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ…
— Dr Mohamed Muizzu (@MMuizzu) July 14, 2025
"ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު. މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވަނީ މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރައްވާފައެވެ.
ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފުވެސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
އެގޮތުން އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި އަދި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މި އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މިރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ…
— Hussain Mohamed Latheef (@HucenSembe) July 13, 2025
ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ މައްޗަށްކުރެވޭ ކަށުނަމާދު މިއަދު ޢަސުރު ނަމާދަށްފަހު ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކަށު ނަމާދު އޮންނާނީ ޢަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އެ އެއެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. މި އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދޭންފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ. އަލްސަން އަކީ ތޭރަވާ އާއި އަޝްފާގެ ހަމައެކަނި ދަރިފުޅެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވަން އިނީ އަލްސަންކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަލްސަންގެ ކުއްލި ވަކިވުން ވެގެންދިޔައީ އެތައް ބަޔަކަށް އޭގެ ފުން އަސަރުތަކެއް ކުރުވި ކަމަކަށެވެ. ކުއްލިގޮތަކަށް މީހެއްގެ ހަމައެކަނި ފުރާނަ ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް