ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 10 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، މާލެ، އަޙްމަދު ނަޘްމީން (28އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 214 ގުރާމުކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16800 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ނަޘްމީން (28އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް