ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ޢާންމުކުރުމަށް ބޭނުންކުރެވޭ ޕޯޓަލް އަލުން ފަރުމާކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އެކަމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
އެގޮތުން އެ ޕޯޓަލް އަލުން ފަރުމާކުރުމަށްޓަކައި ޕީޖީ އޮފީހުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާއިރު، ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް އަލުން ފަރުމާކުރުމުގެ މަޤްޞަދަކީ ދަފްތަރު ހަރުދަނާކޮށް، އެފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ޢާންމުކޮށް ފަސޭހައިން ބެލޭނެ ގޮތެއް ޤާއިމުކުރުމާއި، މޯބައިލް ޑިވައިސްގެ ޒަރީއާއިން އެފަދަ ކުށްކޮށްފައި މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން ފަސޭހަކަމާއެކު އެމީހުން ދެނެގަނެވޭނެ ނިޒާމެއް ޤާޢިމުކުރުމާއި އަދި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިތުރަށް ހަރުދަނާކުރުންކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ޢާންމުކުރުމަށް ބޭނުންކުރެވޭ ޕޯޓަލް މި ވުޒާރާގެ ބޭނުމަށް އަލުން ފަރުމާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ… pic.twitter.com/5ishLuiI3E
— Ministry of Social and Family Development (@MSFDmv) July 10, 2025
އަދި އެ ދަފްތަރުގައި ހިމެނޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ އެއްވެސް މިންވަރަކަށް އެއްވެސް ޙާލަތެއްގައި ކުރި މީހެއްކަން ކޯޓަށް ސާބިތުވެ އެމީހެއްގެ މައްޗަށް ޙުކުމް ކޮށްފައިވާ ތިބި މީހުންގެ މަޢުލޫމާތުކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މިއަދު ސޮއިކުރެވުނު ފަހުމުނާމާގައި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އެ އޮފީހަށް އަލަށް ޢައްޔަނުކުރެވުނު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދެވެ. އަދި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، އިބްރާހީމް އިސްމާޢީލް ޢަލީއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް