ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި ކުޅިވަރުގެ ރޮނގުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.
ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ސަރުކާރުގެ ކުޅީވަރުގެ ތަސައްވުރާ ގުޅޭގޮތުން މަޢުލޫމާތު ސަފީރާ ހިއްސާކުރައްވާފައެވެ. މިގޮތުން ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރައްވާ މަސައްކަތްތައްވެސް ތަފްސީލްކޮށްދެއްވިއެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވަމުން ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ވަނީ ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ސަފީރު ވަނީ ރާއްޖޭގެ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވާ އެކަމަށް މަރުޙަބާ ދަންނަވާފައެވެ.
ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމަށާއި، އެކި ކުޅިވަރުތަކުގައި ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އެބަތިބިކަމަށެވެ.
އެ ކުޅުންތެރިންގެ ހުނަރު ތަަރައްޤީކޮށް، ކާމިޔާބީތައް ހޯދުމަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް