ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާ އާ އުސްމިންތަކަކަށް މި ގެންދެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓްކުރާ ކަނޑުމަހުން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް ތައްޔާރުކުރަން ފެށުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެން ދަޅުމަސް އުފައްދައިފިއެވެ. މިއީ އެ ކުންފުނިން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ.
އަދި އެ ކުންފުނިން ވަނީ އެ ބެޗްގެ ދަޅު މަސް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަރުވާފައެވެ.
މިކަމާއި ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެ - ޗައިނާ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގެ ސަބަބުން 2 ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ ފުޅާވަމުން އަންނަކަމަށާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ލިބިގެން ދިޔަ ލުއިތަކާއިއެކު ރާއްޖޭގައި ބާނާ މަސް ބޭނުންކޮށްގެން ޗައިނާގައި މަސްދަޅު އުފައްދަން ފަށާފައިވާކަމަށެވެ.
China-Maldives FTA is transforming bilateral trade! Sustainably harvested Maldivian fish now being packed in China under FTA benefits - taking our trade relationship to new heights under the leadership of President @MMuizzu https://t.co/mCySheMbO4 pic.twitter.com/YFv89ryWQJ
— Mohamed Saeed (@em_saeed) July 5, 2025
މީގެ އިތުރުން، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެޅުއްވި މި ހަރުދަނާ ފިޔަވަޅުގެ ސަބަބުން ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީއާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ވަނީ ޕޯސްޓެއްކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، މި މަސައްކަތަކީ ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއްކަމަށާއި މިއެއްބަސްވުމާއިއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ސުންރޭޓަށް ދަށްވެފައިވާކަމަށެވެ.
މީގެ އިތުރުން، ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފްވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެޅުއްވެވި ހަރުދަނާ ފިޔަވަޅެއްކަމަށާއި މީގެ ސަބަބުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް އިތުރު އައު މާކެޓްތައް ހުޅުވި ރާއްޖޭގެ މަހުގެ އަގު އުފުލި ޑިމާންޑް އިތުރުވެގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް