ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން 15 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އަދި އެ އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މީގެ ތެރޭގައި 10 ފިރިހެނުންނާއި 05 އަންހެނަކުކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ދަނީ އިމިގްރޭޝަނުން މިހާރު ހިންގަމުންދާއިރު، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން، އިމިގްރޭޝަނުން ވަނީ މިއަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް