ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ ސުވިމިން ޕޫލްވެގެންދާނީ ރާއްޖެ ފަޚުރުވެރިވާނެ ފަދަ ބިނާއަކަށްކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އެގޮތުން ހުޅުމާލޭގައި ހަތަރު ބުރިއަށް ހަދާ މި ސުވިމިން ކޮމްޕްލެކްސްއަކީ، ސަރަހައްދީ ފެންވަރުގައިވެސް ދިވެހިން ފަޚުރުވެރިވާނެ ވަސީލަތަކަށްވާނެކަމަށާއި އެ ސުވިމިންޕޫލަކީ ރާއްޖޭގެ ފެތުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ވަސީލަތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރަހައްދީ ފެންވަރުގައި ބޭއްވޭ ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތްތައްވެސް މިތަނުގައި ބޭއްވޭނެކަމަށާއި މިތަން ވެގެންދާނީ ރާއްޖެ ފަޚުރުވެރިވާނެ ފަދަ ބިނާއަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެންގެ ފެތުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ވަސީލަތް، މި ރީޖަންގަވެސް ހަމަ އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ސުވިމިންގެ މުބާރާތްތައް ހޯސްޓު ކުރެވޭނެ ވަރުގެ ފެސިލިޓީއަކަށް ވެގެންދިއުމަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާވާންޖެހޭނެކަމެއް ކަމުގައި އަޅުގަނޑު ދެކެނީ" ވަޒީރު ވިދާޅުވިއެވެ.
މި ޕޫލު ބިިނާކުރަމުންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ފެތުމުގެ ތަމްރީނުތައް ކުރިއަށްގެންދެވޭ ފެންވަރަށެވެ. މި ކޮމްޕުލެކްސްގެ މަސައްކަތް ނިމޭއިރު މިތަނުގައި 50 މީޓަރާއި 25 މީޓަރުގެ ދެ ސުވިމިން ޕޫލް ޤާއިމުވެގެންދާނެއިރު، އެތަނުގައި ހައިޖަމްޕުގެ ވަސީލަތްތައްވެސް ހިމެނޭނެއެވެ.
މީގެ އިތުރުން މިތަނުގެ ސަބަބުން ރާއްޖޭގައި މޮޅެތި ފެތުންތެރިން އުފެދިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި މިތަނުގައި ފެތުމުގެ މުބާރާތްތައްވެސް ބޭއްވިގެންދާނެކަމަށާ، އަދި މިއީ މިކުޅިވަރަށް ލިބިގެންދާނެ ބޮޑު ތަރައްގީއެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ. އަދި މިތަނުގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާއިރު، މިތަނުގައި ޑްރައި ލޭންޑުގައި ހަދަން ޖެހޭ ތަމްރީނުތައްވެސް ހެދޭނެކަމަށާ، އެހެންކަމުން މިތަން ވެގެންދާނީ ހުރިހާ ގޮތަކުން ބެލިކަމަށްވިޔަސް ވަރަށް ގިނަ ކުދިންނަށް ޖާގަލިބޭނެ ތަނަކަށްކަމަށާއި ފެތުމުގެ ގިނަ ޕްރޮގްރާމު ތަކެއްވެސް މިތަނުގައި ކުރިއަށް ގެންދިއުމަށް ރާވާފަވާކަމަށާއި އަދި، ފެތުމާ ގުޅުންހުރި ނުވަތަ އެކުއަޓިކްސްގެ ތަފާތު ގިނަ މުބާރާތްތައް މިތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގަ ސުވިމިން ކުދިން އިތުރަށް އުފެއްދުމާ އަދި މުބާރާތްތައް ކުރިއަށްގެންދިއުމާ އަދި މިކަހަލަ ކަންކަމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ، މިއީ ވަރަށް ވޮޑު ފެސިލިޓީއެއް، 50 މީޓަރުގެ ޕޫލާއެކު އަދި ހައިޖަމްޕު ފެސިލިޓީއެއްވެސް އެބަ އިނދޭ" ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ބިނާކުރަމުންދާ މި ޕޫލުގެ ބިންގާ އަޅާފައި ވަނީ މިއަހަރުގެ އޭޕްރިލްމަހުގެ 10ވަނަ ދުވަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް