ދިވެހިރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށުމަށް ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ވަރަށް އަވަހަށް އެ ޚިދުމަތް ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތާކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެވެ.
މިކަމާ ގުޅިގެން، ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ އަލުން ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް އަވަހަށް ފެށޭނެކަމަށާއި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަޔަކު ހޯދުމަށް އިއުލާންކުރުމުން ބައިނަލްއަޤްވާމީ އެކި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. އެހެންނަމަވެސް އެ ޚިދުމަތް ދިނުމަށް ބޭނުންވާ މިންގަނޑަށް އެ ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ދިމާވިކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ ދިމާވީ ހިތާމަވެރި ހާދިސާތަކަކާ ގުޅިގެން މީގެ އެތައް އަހަރެއް ކުރިންކަމަށެވެ. އެގޮތުން އަލުން މި ޚިދުމަތް ފަށާއިރު ބޭނުންވަނީ ޔޫކޭ ސީއޭ އެސެސްމަންޓް ސްޓަޑީއަކާއެކު ފެންވަރު ރަނގަޅު ރައްކާތެރި ޚިދުމަތެއް ދެވޭނެ ގޮތަކަށްކަމަށާއި، އެންމެފަހުން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުގެ ޕްރޮސެސިން ހުއްޓާލީ ރައްޔިތުންނަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ފައިދާ ކުރާނެ ގޮތަކަށް އެކަން ކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އަނެއްކާ ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގެ ހެލިކޮޕްޓަރު ޙިދުމަތުގައި ވަރަށް ދެރަ ހާދިސާ މީގެ 25 އަހަކަށް އަހަރު ކުރިން ވަނީ ހިނގާފައި. އަޅުގަނޑުމެން ދެން ޔޫކޭ ސީއޭ އެސެސްމަންޓް ސްޓަޓީއަކާއި އެކީގައި އެހިދުމަތް ފަށަން ބޭނުންވަނީ. އެހެންވީމައި އެ ޙިދުމަތަކީ ރާއްޖޭގައި އެކަހަލަ ދެރަ ހާދިސާތައް ހިނގާފައިކަމަށް ވާތީ. ބަލަން ޖެހޭ އިތުރު ކަންތައްތައް ހުރުމާއި މި ހިދުމަތުން ރައްޔިތުންނަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާ ކުރަނިވި ގޮތަކަށް މި ޙިދުމަތް ފެއްޓުމަށް އެ އިރު އެ ޕްރޮސެސް ހުއްޓާލީ. އެހެންނަމަވެސް މާ ލަސްތަކެއް ނުވެ އެ ޕްރޮސެސް ފަށާގަނެވޭނެ" ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށާއި ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށް މީގެ ކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި "ޓްވިން އިންޖީން" ހެލިކޮޕްޓަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތަޢާރަފު ކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ. އެގޮތުން ހެލިކޮޕްޓަރުގެ ޚިދުމަތް ފަށްޓަވަން ނިންމައި، ސަރުކާރުން މިކަން އިއުލާންކޮށްފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް