ޕައިލެޓުކަން ކިޔަވައިގެން އަންނަ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ނުއުފެއްދޭތީ އެ ދާއިރާއިން ކިޔަވަން އިތުރު ފުރުސަތު މިވަގުތަށް ދެން ހުޅުވާނުލާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕައިލެޓުކަން ކިޔަވައިގެން ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ އާއި ޕައިލެޓުކަން ކިޔަވަން ލޯނަށް ހުޅުވާލާނެތޯ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
އެގޮތުން، ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް އޮޕަރޭޓު ނުކުރޭވެނެ ކަމަށާއި އެހެން ގައުމެއްގައި ވެސް ދިވެހި ކެޑޭޓު ޕައިލެޓުންނަށް އެއާލައިނުތަކުގައި މަސައްކަތްކުރަން ނުލިބޭ ކަމަށާއި އެ ތަންތަނުގައި ވެސް މަސައްކަތް ކުރަން ލިބެނީ ތަޖުރިބާ ހުރި ޕައިލެޓުންނަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ އޭވިއޭޝަން ގްރޯތު ހުރީ ހަތް ޕަސެންޓުގައިކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިދިޔަ ހައެއްކަ އަހަރަށް ބަލާއިރު، ކެޑޭޓް ޕައިލެޓުން ތަމްރީނުކޮށް، ދޭންޖެހޭ ތަމްރީނުތައް ދީފައި ވަނީ އަހަރަކު ވިއްސަކަށް ނުވަތަ ބާވީހަކަށް މީހުންނަށް ކަމަށާއި އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ޓީއެމްއޭ އިން އެކަނިކަމަށެވެ.
އެހެންކަމުން އެ ދާއިރާ އިން ކިޔަވާ ކުދިންނާ އެއްވަރަށް ވަޒީފާގެ ފުރުސަތުތައް ނުއުފެއްދުމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވަޒީރު ވިދާޅުވީ އެ ހާލަތުގައި އޮތުމުން އާންމުން ހޭލުންތެރިކުރުމުގައި ސަރުކާރެއްގެ ޒިންމާ ވެސް އެބައޮންނަކަމަޑެވެ.
އަދި ކުރީ ސަރުކާރުގެ ދުވަސްވަރު ޕައިލެޓުކަން ކިޔެވުމަށް 500 މީހުންނަށް ލޯނު ދޫކުރިއިރު އަމިއްލަ ހަރަދުގައި ވެސް 200 އެއްހާ މީހުން އައީ ޕައިލެޓުކަން ކިޔަވަމުން ދިޔަ ކަމަށާއި ނަތީޖާ ރަނގަޅު އެތައް މީހުންނެއް ޕައިލެޓުކަން ކިޔަވަމުން އަންނައިރު އެ މީހުންނާއި އެ މީހުންގެ މައިންބަފައިންނަށް ވެސް ރާއްޖޭގައި ވަޒީފާގެ ހާލަތު އޮތްގޮތް ސާފު ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.
"މިހާރަކު އިތުރަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަޅުގަނޑުމެން ސަރުކާރުގައި ޕައިލެޓް ޓްރެއިނިން އަކަށް އިތުރަކަށް މިވަގުތަކަށް ހުޅުވާލާކަށް. އެއީ އަޅުގަނޑު ދެކޭ ގޮތުގައި މި ގައުމަކަށް ބޭނުމެއް ނޫން ކެޑޭޓް ޕައިލެޓުން އިތުރަށް ޓްރެއިން ކުރާކަށް،"ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޕައިލެޓުންނަށް ވަޒީފާ ދެވެން އޮތް މިންވަރަކުން މިހާރު ވެސް ފުރުސަތު ދެމުން އަންނަ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް މިހާރު އޮންނަ މިންގަނޑަށް ވުރެ އިތުރަށް ވަޒީފާ ދޭން އެއާލައިން އޮޕަރޭޓަރުންނަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ.
ޕައިލެޓުކަން ކިޔަވަން އިތުރަށް ފުރުސަތު ނުދިނަސް، މިހާރު އެ ދާއިރާ އިން ކިޔަވަން ފުރުސަތު ލިބިފައިވާ ދަރިވަރުންނަށް ދީފައިވާ ސްކޮލާޝިޕް ބަދަލުކުރަން ބޭނުންނުވާ ނަމަ އެކަމަށް ސަރުކާރުން ހުރަހެއް ނާޅާނެކަމަށާއި އެއީ އެ ދަރިވަރެއްގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް