ނިމިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ އިތުރު ކަމަށާއި އެގޮތުން 192 މަސް ދޯންޏަކަށް 11.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި އަދަދަކީ އޭގެ ކުރީ ހަފްތާގައި ދޫކުރި އަދަދާ އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ.
މީގެއިތުރުން މި އަދަދަކީ ޖޫންމަހުގެ ދެވަނަ ހަފްތާއާ އަޅާ ބަލާއިރު 39.8 އިންސައްތަ އިތުރު އަދަދެކެވެ. ޖޫން ދެވަނަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 8.3 މިލިއަން ރުފިޔާއެވެ.
މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެދުވަހު 40 ދޯންޏަކަށް 3.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ޖޫން މަހުގެ ތިންވަނަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާ ދެވަނަ ހަފްތާއަށްވުރެ އިތުރުވި ނަމަވެސް، މިއީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ދޫކުރި ފައިސާއަށްވުރެ މަދު އަދަދެކެވެ. ޖޫން މަހުގެ ފުރަތަމަ ހަފްތާގައި 165 ދޯންޏަކަށް 16.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި މިފްކޯއިން ދަނީ ފައިސާ ދެމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް