12 ޖޫން 2025ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 6.0 އިންސައްތަ އިތުރުވެއްޖެއެވެ.
12 ޖޫން 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި މާލީ ވުޒާރާއިން އާންމުކޮށްފައިވާ، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައިވާކަމަށްވެސް ދައްކައެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އިގުތިސާދީ ދަތިކަމާ ހެދި ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 23 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށްވެސް އެ ހިސާބުތަކުން ދައްކައެވެ.
އަދި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 13.2 ބިލިއަން ރުފިޔާއެވެ. ޖުމްލަ 13.2 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، މީގެ ތެރެއިން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 88.5 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 46.9 އިންސައްތަ ވަނީ އިތުރުވެއެވެ.
މި ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް