މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ލިބުނު ފައިދާއިން ހިއްސާއަކަށް 2 ރުފިޔާ ބަހަން އެ ކުންފުނީގެ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
އެ ކުންފުނީގެ އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ ބަރސެލޯ ނަސަންދުރާގައެވެ. އެމްޓީސީސީިއިން ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރު ބެހުމަށް ނިންމާފައިވަނީ 5.5 މިލިޔަން ރުފިޔާއެވެ. މި ޖަލްސާގައި މުޅި ޖުމްލަ 156 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އެއީ އެމްޓީސީސީގެ ޖުމްލަ ހިއްސާދާރުންގެ 69.62 އިންސައްތައެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާއިން، ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99.95 އިންސައްތައިގެ ވޯޓުންނެވެ. މިދިޔަ އަހަރު އެމްޓީސީސީއިން ހިއްސާއަކަށް ބަހާފައިވަނީ 3 ރުފިޔާއެވެ. އެހެންކަމުން މިއީ 1 ރުފިޔާ ދަށް އަދަދެކެވެ.
މި ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށް، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.
އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕަރޓްނާސް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 510,300 ރުފިޔާ ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
އެމްޓީސީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 44.8 މިލިޔަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 96.6 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 53.6 އިންސައްތަ ދަށް އަދަދެކެވެ.
1981 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެދުނު އެމްޓީސީސީއަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް