ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ ދަށުން އެ އޮތޯރިޓީން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުންކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ ދަށުން އެ އޮތޯރިޓީން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރަނީ 3 މަރުޙަލާއަކަށް ކަމަށާއި، އެއީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާ އާއި، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާ އާއި، ލައިސަންސް ދިނުމުގެ މަރުޙަލާ ކަމަށެވެ.
"ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި މި އޮތޯރިޓީން ބަލާނީ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ޙިއްސާދާރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕަރ އަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން އަށެވެ. މި މަރުޙަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރާނީ، މި އޮތޯރިޓީގެ ލައިސަންސިންގ ސެކްޝަނުން. މި ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ މި އޮތޯރިޓީގެ "އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ" އަށް. އަދި މި ކޮމިޓީން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި، ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުން"، އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ "ކޮންޑިޝަނަލް" ހުއްދައެއް ކަމަށާއި، މީގެ ބޭނުމަކީ، ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް (މިސާލަކަށް، ކުންފުނި ރަޖިސްޓަރ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް) މުއްދަތެއް ދިނުން ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އޮތޯރިޓީން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ބޭންކިންގ ލައިސަންސްއަކަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަކަށް މި މަރުޙަލާތަކުގެ ދަށުން ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން "ކޫލިންގ އޯފް ޕީރިއަޑް" އެއް ޤާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. މިގޮތުން، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުން އައު އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަންކުރުމަށް ޓަކައި، މުޅި އިވެލުއޭޝަން މަރުޙަލާ އަލުން ހިންގޭނެ ކަމަށާއި، ލައިސަންސް ދޫކުރެވޭނީ، އިވެލުއޭޝަންގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާކަމަށް ބޯޑުން ނިންމައި، ލައިސަންސް ދިނުމަށް ބޯޑުން ނިންމުމުން ކަމަށެވެ.
"މާލީ ދާއިރާ ހަރުދަނާކަންމަތީ ކުރިއަށް ގެންދިއުމަށާއި، މި ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައި ވެސް ޤާއިމްކުރާކަން ކަށަވަރުކުރުމަކީ މި އޮތޯރިޓީން އަބަދު ވެސް އެންމެ އިސް އަހަންމިއްޔަތުކަމެއްދޭ ކަންކަން"، އެ ބަޔާނުގައިވެއެވެ.
އެމްއެމްއޭ އިން ވަނީ ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް އެ އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގެ ޔަޤީންކަން އަރުވައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް