މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕް ފުރައިފިއެވެ.
ޙައްޖުވެރިންގެ ތިން ގުރޫޕް ފުރާފައިވަނީ 6:30 ހާއިރު ދިވެހިންގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ. މިފްލައިޓުގައި 251 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން މެންދުރުފަހު 11:30 ހާއިރުއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
މިއަދު ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕް މިއަދު ފުރާފައިވާއިރު، ޙައްޖުވެރިންގެ ފަހު ފްލައިޓު ފުރާނީ ހުކުރު ދުވަހުއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.
މިއީ މޯލްޑިވިއަން މެދުވެރިކޮށް ދިވެހި ހާޖީން ޙައްޖަށް ދާ ފުރަތަމަ ފަހަރެވެ. މިގޮތުން މިފަހަރު ޙާޖީންގެ %50 އުފުލާނީ ދިވެހި ޤައުމީ އެއާލައިނުން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވިއިރު، ޙައްޖުގެ އަޅުކަމަށް ސަޢޫދީ ޢަރަބިއްޔާއަށް ދާ ދިވެހި ޙާޖީން މީގެ ކުރިން 8-10 ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ދަތުރު ކުރަމުން އައި ނަމަވެސް، މިހާރު އެ ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާތީ، މި އަހަރުން ފެށިގެން ޙައްޖުވެރިން މައްކާއިން މަދީނާއަށް ކުރާދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ޙައްޖުގައި ޙައްޖުވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ސަރުކާރުން ވަނީ ހޯއްދަވައިދެއްވާފައެވެ. އެގޮތުން މީގެކުރިން މިނާގެ ފޭލިގެތަކުގައި ދިވެހި ޙައްޖުވެރިން ކެޓަގަރީ "ސީ"ގައި ތިބެން ޖެހުނުނަމަވެސް މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ތިބޭނީ "ބީ" ކެޓަގަރީގައެވެ. އަދި ރަޖިސްްޓްރީކޮށްގެން ހިންގާ ކްލިނިކެއް މިފަހަރު ވަނީ ޙައްޖުވެރިން ތިބޭ ހޮޓެލްގައިި ޤާއިމްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް