ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި 18 މޭ 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.
މިކަން ހާމަކޮށް މިއަދު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ލ. މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި އޭރު ހުރި ޢަލީ އާދަމް (ހިޔާވެހި / ލ.މުންޑޫ) ގެ މައްޗަށްކަމަށެވެ.
އަދި ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން ޢަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކަމަށާއި، މި މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 (އަށާވީސް ހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ނުވަ ލާރި) ގެ ގެއްލުން ވެފައިވާކަމަށް ވެއެވެ. އަދި މި ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ ލ.މުންޑޫ ސްކޫލަށް އަންގާފައިވާނެކަމަށް އޭސީސީން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް