މިދިޔަ އެޕްރީލް މަހު ދައުލަތުގެ ބެލުމުގެ ދަށަށް ހަތަރު ކުދިން ނަގާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މި ހަތަރު ކުދިންގެ ތެރޭގައި ހިމެނެނީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.
އެގޮތުން، އެ ވުޒާރާއިން ހާމަކުރިގޮތުގައި އެޕްރީލް މަހާ ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 146 ކުދިން ތިބިއެވެ. މީގެ ތެރޭގައި ހިމެނެނީ 83 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ.
މީގެ އިތުރުން، ފޯސްޓަރިންގ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއް ކުއްޖަކު މިދިޔަ މަހު ވަނީ ފޯސްޯސްޓަރ ޢާއިލާއަކާ ހަވާލުކޮށްފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން ހަތަރު ކުއްޖަކަށް ވަޒީފާ ނުވަތަ އިންޓަރންޝިޕްގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންތަކަށް ލިބޭ ކޯލްތަކާ ބެހޭ މަޢުލޫމާތުވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ. މިގޮތުން، އެޕްރީލް މަހު ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2,150 ކޯލް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ޗައިލްޑް ހެލްޕްލައިން 1412 އަށް 1,778 މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޗައިލްޑް ހެލްޕްލައިނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 66 މައްސަލައަކީ ކުޑަކުދިން އަމިއްލައަށް ހުށަހެޅި މައްސަލަތަކެވެ. 1,198 މައްސަލަ ބޮޑެތި މީހުން ހުށަހަޅާފައިވާއިރު، 514 މައްސަލަ ހުށަހަޅާފައިވަނީ ކާކުކަން ނޭނގޭ ގޮތަށެވެ.
އަދި، ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް 280 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް