ފާއިތުވި ހަފްތާގައި މަސްވެރިން ކިރުވި މަހަށް 14.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯ ކިރުވާފައިވާ މަހުގެ އަދަދު އިތުރުވެފައިވާއިރު، އެގޮތުން މަސްވެރިން ކިރުވި މަހަށް 14.4 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެކުރީ ހަފްތާއާ އަޅާ ބަލާއިރު %50 އިތުރު އަދަދެކެވެ. ކުރީ ހަފްތާގައި މިފްކޯއިން ވަނީ 186 ދޯންޏަކަށް 9.6 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މީގެ އިތުރުން، މިދިޔަ ބުދަ ދުވަސް ވެގެންދިޔައީ އެ ހަފްތާގައި މިފްކޯއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަހަށެވެ. އެދުވަހު 45 ދޯންޏަކަށް 4.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް