ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2024 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ފާސްކޮށްފައެވެ.
ބަރަސެލޯ ނަސަންދުރާގައި ބޭއްވުނު މި ޖަލްސާގައި 162 ހިއްސާދާރުންނާއި 67 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތައިގެ ވޯޓުންނެވެ. މިއީ 2023 ވަނަ އަހަރުވެސް ބެހި އަދަދެވެ.
މި ޖަލްސާގައި 2023 ވަނަ އަހަރުގެ ޔައުމިއްޔާއާއި، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށް ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސައި، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67,500 އެމެރިކާ ޑޮލަރު ދިނުމަށްވެސް ނިންމުނެވެ.
އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރެއްގެ ގޮތުގައި މުހައްމަދު އަހުސަން ސަލީމް ވަނީ 99.71 އިންސައްތަ ހިއްސާދާރުންގެ ވޯޓުން އައްޔަންކޮށްފައެވެ.
އެސްޓީއޯގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ. އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކުންފުނިން ވިއްކަމުންދިޔަމުންދިޔަ ތެލުގެ އަގު ހެޔޮކުރުމެވެ.
1964 ވަނަ އަހަރު އުފެދުނު އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެވެ. މި ކުންފުނިން ތެލާއި، ބޭހާއި، ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކުގެ ވިޔަފާރިވެސް ކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް