މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ލިބިފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެށި ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އެއީ 114 މިލިއަން ރުފިޔާކަމަށެވެ.
އަދި އެ ހިދުމަތަށް ލިބުނު 7.4 މިލިއަން ރުފިޔާގެ 95 ޕަސެންޓް ފައިސާ ލިބުނީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ބަންކަރިން މެދުވެރިކޮށްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މި ދެންނެވީ ވީއެލްއެސްއެފްއޯ ކިޔާ ޕްރޮޑަކްޓެއް ދިވެހިރާއްޖެއަށް މުޅިން އަލަށް. ލޯ ސަލްފާ އޭ ކިޔާ، ދިވެހިރާއްޖެއަށް ދުވަހަކު ވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މި ދެންނެވި 7.4 މިލިއަނުގެ 95 ޕަސެންޓަކީ ވީއެލްއެސްއެފްއޯ ބަންކާ ކޮށްގެން ހޯދި ފައިސާ." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބަންކަރިންގެ ހިދުމަތުގެ ޑިމާންޑް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ދަނީ އެކަމާ ގުޅޭ ގާނޫނުތަކާއި ދައުލަތުގެ ތެރެއިން އިންތިޒާމުތައް ރަނގަޅު ކުރުމަށް ވެސް މަސައްކަތް ކުރަމުން ކަމަށެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންކަމަށްވާއިރު، އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް