މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ޤާނޫނީ ޝަޚުސެއްގައި ނުވަތަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަލަހައްޓާ ތަންތަނުގައި އެއްވެސް ބާވަތެއްގެ މަސްލަހަތެއް ނުވަތަ ހިއްސާއެއް އޮންނަ ފަރާތްތަކަށް، އެ އޮތޯރިޓީގެ ބޯޑުގެ މެންބަރުކަން ނުލިބޭގޮތަށް ބަދަލު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލެވެ. މި އިސްލާހުގެ މައިގަނޑު މަޤްސަދަކީ "ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު" އާ ގުޅިގެން، މިހާރުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޒަމާނީ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.
ކުރީގެ ޤާނޫނުގައި އޮތް ގޮތުން، މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ ގަވާއިދުގެ ދަށުން ހިނގަމުންދާ އިދާރާއެއްގައި އެ ތަނެއްގެ 5 އިންސައްތަ އަށްވުރެ ބޮޑު ހިއްސާއެއް އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ މީހެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ އޮތް ކުންފުންޏެއްގެ ނަމުގައި އޮތްނަމަ މެންބަރަކަށް ނުވެވޭނެއެވެ. ނަމަވެސް މިހާރު ބިލުގައި އޮތް ގޮތުން އެފަދަ އިދާރާއެއް އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއްގައި މީހެއްގެ އެއްވެސް މަސްލަހަތެއް، އިސްލާހެއް އޮތްނަމަ މެންބަރަކަށް ނުވެވޭނެއެވެ.
އިތުރު މުހިންމު ބަދަލުތަކުގެ ތެރޭގައި، ވައިގެ ދަތުރުފަތުރާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރުގެ ބާރު ކުޑަކުރުމާއި، ބޯޑުގެ ޖަލްސާތައް އަވަސްކުރުން ހިމެނެއެވެ. މިގޮތުން، ކުރިން 5 ދުވަހުގެ ތެރޭގައި ބާއްވަންޖެހޭ ކުއްލި ޖަލްސާތައް، މިހާރު 3 ދުވަހުގެ ތެރޭގައި ބާއްވަންޖެހޭނެއެވެ.
މި އިސްލާހުތަކަށް ޢަމަލުކުރަން ފަށާނީ ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރުމަށްފަހު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް