ސަން ޓްރެވަލްސްއަށް ދޫކޮށްފައިވާ މިނާވަރާއި އުއްދޫ އަތުލީ އުސޫލުގެ ދަށުންކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ" ގެ ފަސްވަނަ ފޯރަމްގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްތަކުން އެ މަޤްސަދު ހާސިލުވާ ގޮތަށް އަމަލު ކުރަމުން ނުދާ ކަމަށާއި މިނާވަރާއި އުއްދޫ އަކީ ވެސް ދަނޑުވެރި ކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ދެ ރަށް ނަމަވެސް ސާރވޭ ޓީމްތަކުން މޮނިޓަރ ކުރުމުން އެ މަޤްސަދު ހާސިލުވާ މިންވަރާއި ގާތަށް ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ދެ ރަށް ސަރުކާރަށް ނެގުމަށް ނިންމީ ކަމަށް ވިދާޅުވި އެވެ.
"ނ. މިނާވަރު އަދި އުއްދޫ އަތުލީ އުސޫލުގެ މަތިން، އަދި ބަންޑާރަ ނައިބުގެ ލަފަޔާ އެކީ އަދި އަޅުގަނޑުމެން ރައްޔިތުންގެ ޝަކުވާ އަޑުއަހަމުން ދިޔައީ. އެދެރަށް އެކަންޏެއް ނޫން، ބައިވަރު ރަށްތައް ވަނީ މިނިސްޓްރީއިން ދޫކުރެވިފައި ދަނޑުވެރިކަމަށް ފުޑް ސެކިއުރިޓީއަށް ޓަކައި، އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރވޭތަކުން، މޮނިޓަރ ޓީމްތައް ގޮސްގެން ބެލިއިރު ވަރަށް ގިނަ ރަށްރަށުގައި އެބޭފުޅުން މަޤްޞަދު ޙާޞިލްނުވެ ވަނީ. ފުޑް ސެކިއުރިޓީއަށް ގަސް އިންދުމާއި ލައިވްސްޓޮކް ގެންގުޅުން ހިމެނިފައި ވޭ. އޭގެ އިތުރުން ވެލިއު އެޑިޝަން ހިމެނޭ އެގްރީމެންޓްގަ. އެކަމު 50 އިންސައްތަ އަށް ވުރެ ދަށްކޮށް މަސައްކަތް ގޮއްސަ ވަނީ. އެގްރީމެންޓާ އެއްގޮތަށް މަސައްކަތައި ނުކުރެވިފައި އޮތުމާ އެކު އުސޫލުގެ މަތިން ބަންޑާރަ ނައިބުގެ ލަފާ ފުޅާ އެކު ކުރިއަށް ގެންގޮއްސަ ވާނީ...އެ ދެ ރަށް އަޅުގަނޑުމެން އަތުލީ ހަމަ އުސޫލުގެ ދަށުން އެނގޭތޯ. ބަންޑާރަ ނާއިބުގެ ލަފަޔާ އެކީ އަދި ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކާ އެކީ" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާގެ އެދިވަޑައިގަތުމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވެސް ވަނީ އެ މައްސަލަ އިތުރަށް ސާފުކޮށް ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އުއްދޫ ސަރުކާރަށް ނެގީ ނޫން ކަމަށާއި ކުރީން އޮތް 25 އަހަރުގެ މުއްދަތު ހަމަވީ ކަމަށެވެ. އަދި އެގްރީމަންޓް ހަމަވުމުން އާ ނުކުރަން ސަރުކާރުން ނިންމީ ކަމަށެވެ.
އުއްދޫ އަކީ ދ އަތޮޅު ރައްޔިތުން ދަތުރުދާނެ ރަށަކަށް ހަމަޖައްސަން ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ރަށެކެވެ.
ބަންޑާރަ ނާއިބު ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްރަށް އެހެން މަސައްކަތްތަކަށް ބޭނުން ކުރަމުންދާ ކަމަށާއި އެފަދަ ރަށްތަކާއި މަަސައްކަތް ނުކޮށް ހުރި ހުރިހާ ރަށެއް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މިނާވަރު ނެގީ ނޯޓިސް ދިނުމަށް ފަހު އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް