ދ. ވާނީގައި ތަމްރީނު ހަދަމުންދަނިކޮށް ހާލު ދެރަވި ފުލުސް މީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، 2025 މެއި 4 ވަނަ ދުވަހުގެ ފަތިހު 04:21 އެހައިކަންހާއިރު، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު 34 އަހަރުގެ ފިރިހެން ރެކްރޫޓެއް، ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފަށާފައިވާކަމަށެވެ.
އަދި ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއަރ އެމްބިއުލާންސްގައި މާލެ ގެނެސް ފަރުވާ ދެމުންދާކަމަށެވެ.
އަދި މި ވަގުތު އެ ރެކްރޫޓަށް ފަރުވާ ދެމުން ގެންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައިކަމަށްވެސް ފުލުހުންވަނީ މައުލޫމާތުދީފައެވެ.
ހާލު ދެރަވެ، ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ފުލުސް މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް