ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ފެނުނު ނުރައްކާތެރި ޖަރާސީމަށް ޕޮސިޓިވްވި ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދީން، ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދާކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި މި ކޭސްއާ ގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، 28 ހަފްތާއަށްވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓްކުރެވި ފަރުވާދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން، 27 މާރިޗު 2025 ގައި އެމް.ޑީ.އާރް. "ބަރކޯލްޑޭރިއާ ސެޕޭޝިއާ" ނަމަކަށް ކިޔާ ޖަރާސީމެއް ފެނިފައިވާކަމަށާއި، އެއާއެކު ވަގުތުން އެ ކުއްޖާ އައިސޮލޭޓްކުރެވި، އެ ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް، އެންވައިރަމަންޓަލް ސާމްޕަލް ނަގަި، އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
އަދި އެކަން އެނގުމާއެކު، އިތުރު ސާމްޕަލްތަކެއްވެސް ނެގިކަމަށާއި، އެ ސާމްޕަލްތަކުން، އިތުރު 4 ތުއްތު ކުދިންގެ ހަށިގަނޑުން އެ ޖަރާސީމު ފެނިފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ކުދިންގެ ތެރޭގައި ދުވަސްނުފުރާ ވިހާފައިވާ 3 ކުދިންނާއި، ދުވަސްފުރާ ވިހާފައިވާ 1 ކުއްޖަކު ހިމެނޭކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެހެންކަމުން މި ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން އެ ހުރިހާ ކުދިން އައިސޮލޭޓްކޮށް އިންފެންޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާއިއެކު ގާތުން ބަލަމުންދާކަމަށާއި، އެކުދިންނަށް އެެންޓިބަޔޮޓިކް ފަރުވާ ދެވުނީ އެންޓިމައިކްރޯބިއަލް ސަސެޕްޓިބިލިޓީ ނަތީޖާތަކާއި ކޮންމެ ކުއްޖެއްޖެ ކްލިނިކަލް ހާލަތަށް ބަލައިގެންކަމަށްވެސް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އެންއައިސީޔޫގެ އެ މާހައުލުގައިވެސް ޖަރާސީމު ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާގެ ޓެސްޓުތަކެއްވެސް ހެދުނުކަމަށް ފާހަގަކުރަމުން އައިޖީއެމްއެޗްއިން ބުނީ އަވަސްކަމާއެކު ވިލަރެސްކުރެވިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އެ އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވިއްޖެކަމަށެވެ.
އަދި އެޕްރީލް 15 ގެ ފަހުން އިތުރު ކޭސްއެއް ރިޕޯޓުކުރެވިފައިނުވާކަމަށާއި، 27 މާރިޗު 2025 އިން ފެށިގެން ޖުމްލަ 84 ނިއޯނޭޓަލް ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދެވި މިވަގު އެތަނުގައި ތިބީ 10 ކުދިންކަމަށް އައިޖީއެމްއެޗްއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެ ޖަރާސީމަށް ފައްސިވެފައިވަނީ ކުރިން ދެންނެވުނު 5 ކުދިން ކަމަށާއި އެ ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށްދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓްކުރެވިގެންކަމަށްވެސް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.
އަދި އެކުދީންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދީން، ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ހޮސްޕިޓަލުގައި ފަރުވާދެވޭ ބަލިމީހުންގެ ސިއްޙަތައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅޔތައް އަޅަމުންދާނެކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް