މާލޭ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ދިވެހި ޒުވާނުންގެ ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ރޭ ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން، ބަގީޗާގެ / ނ.ކުޑަފަރި، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ)، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިގޮތުން ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ޝިމަން އާއި މަހްޒުމް ހައްޔަރުކުރުމާ ގުޅިގެން މި ދެ ޒުވާނުންވެސް ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވާއިރު، އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުންދާ ކަމުގައި ޢާއިލާއިން ހާމަކުރެއެވެ. ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް