އިންޑިއާގެ މިއޮޓް އިންޓަނޭޝަނަލް ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރީހެބިލިޓޭޝަން ފަރުވާ ދޭ ސެންޓަރެއް "މިއޮޓް ރީހެބް ސެންޓަރު" ހުޅުވައިފިއެވެ.
ގ. މޫނިމާގޭގައި ހުންނަ މި ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އެއަށްފަހު މިނިސްޓަރ ވަނީ އެތަނަށް ވަޑައިގެން އެތަނުގެ ވަސީލަތްތައް ބައްލަވާލައްވާފަ އެވެ.
މި ސެންޓަރުން ނިއުރޯ، ކާޑިއޯޕަލްމިނަރީ، އޮތޮޕެޑިކް، ޓްރޯމާ، އަދި ކެންސަރު ފަދަ ބަލިތަކަށް ރީހެބިލިޓޭޝަން ފަރުވާ ލިބެން ހުރުމުގެ އިތުރުން ސެންޓަރުން ދޭ ފަރުވާތައް ކުރިއަށް ގެންދާނީ އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުންނެވެ. މިއީ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ރީހެބިލިޓޭޝަން ހިދުމަތް ހޯދޭނެ މަގުފަހިކޮށްދިނުމަށްޓަކައި ހުޅުވި ތަނެކެވެ.
މިއޮޓް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތީވް މެހެންދަސް ވިދާޅުވީ، ފާއިތުވި 10 އަހަރު ތެރޭގައި މިއޮޓް ހޮސްޕިޓަލަށް ދިވެހިންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ލިބިފައިކަމަށާއި އެފަދަ ސެންޓަރެއް ރާއްޖޭގައި ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ޗެންނާއީގައި ހުންނަ މިއޮޓް ހޮސްޕިޓަލުން ރިހެބިލިޓޭޝަން ފަރުވާ ހޯދަންދާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ބޭނުންވާ ފަރުވާ ހޯދޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.
މީގެއިތުރުން، މިއޮޓް ނެކްސްޓް-ޖެން ތެލެމެޑިސިން ޚިދުމަތުގެ ދަށުން، މިއޮޓް ހޮސްޕިޓަލުގެ ސުޕަރ ސްޕެޝަލިސްޓުންގެ ލަފާ ވަގުތުން ހޯދޭނެ ގޮތް ވެސް ހަމަޖެހިގެންދާނެއެވެ. މިއީ މިދިޔަ ފަސް އަހަރު ދުވަހު މިއޮޓް ހޮސްޕިޓަލުން ރާއްޖޭގެ ސިއްހީ ދާއިރާއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމުގެ އިތުރު ފިޔަވަޅެކެވެ.
މިއޮޓް ހޮސްޕިޓަލަކީ 1999 ވަނަ އަހަރު މެޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕެޑިކް އެންޑް ޓްރޮމަޓޮލޮޖީ (އެމް.އައި.އޯ.ޓީ) ގެ ނަމުގައި ފަށައިގަތް ހޮސްޕިޓަލެކެވެ. އޭރު އެ ހޮސްޕިޓަލުގައި ހުރީ 70 އެނދެވެ. ފާއިތުވި 5 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ރާއްޖޭގެ ސިއްހީ ދާއިރާއާއެކު ގާތްގުޅުމެއް ބާއްވަމުން އަންނައިރު އެ ހޮސްޕިޓަލުން، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޚާއްސަ ޑޮކްޓަރުން މާލޭގެ ކްލިނިކްތަކުގައި ތަފާތު ފަހަރު މަތިން ޚިދުމަތް ދީފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް