އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، އައިއައިޔޫއެމްއިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އަރުވާ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުއްވައިފިއެވެ.
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ އެމަނިކުފާނު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ޑރ. މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނަށް އެ ޝަރަފު އެރުއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ޕަހަންގް ކޮންސިޓިޓިއުޝަންގެ ހެޑް ޓެންގޫ އެމްޕުއަންއެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީ އިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ދިވެއްސެއްގެ އިތުރުން އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ޔުނިވަރސިޓީއަކުން ލިބިވަޑައިގެންނެވި ފުރަތަމަ ރައީސެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޚާއްސަ ތަޤުރީރެއް ދެއްވާފައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.
އައިއައިޔޫއެމްއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށާއި ރައީސް ޑރ މުޢިއްޒަކީ ދުރުވިސްނޭ، ކާމިޔާބު ލީޑަރެއްކަމަށެވެ.
އައިއައިޔޫއެމްއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ގިނަ އެހީތަކެއް ވެފައިވާ ޔުނިވަރސިޓީއެކެވެ.އެގޮތުން، 1990ގެ އަހަރުތަކުން ފެށިގެން ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާއިރު، މިއަދާ ހަމައަށް 380 ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކޮށްފައިވާކަމަށް އައިއައިޔޫއެމްއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް