18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު އަންހެނަކު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ހިނގިއިރު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ރާއްޖޭގައި ނެތްކަން ހާމަވެއްޖެއެވެ.
އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން ވަޒީރު އަމީނަށް އަމާޒުކޮށް ސީރިއަސަ ތުހުމަތުތަކެއް ކުރަމުންދާއިރު، ދައުލަތުގެމީޑިއާއަށް ލިބިފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި ހާދިސާ ހިނގި ވަގުތު ވަޒީރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
އަދި އެ ހާދިސާ ހިނގީ އައިކާއޯއިން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓްރީއަލް ސެގްމަންޓުގައި ބައިވެރިވެވަޑައިގަތުމަށް ޤަތަރުގެ ދޯހާގައި ހުންނެވި ވަޒީރު އަމީން، ރާއްޖެ އައުމުގެ މަގުމަތީގައި މަތިންދާ ބޯޓުގައިކަން އިންނަވަނިކޮށްކަން ވަނީ ކަށަވަރުވެފައެވެ.
ވަޒީރު އަމީން ރާއްޖެ ވަޑައިގެންނެވި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ 18 ވަނަ ދުވަހުގެ ހެނދުނު 08:50 ހާއިރުކަމަށްވާއިރު، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ.
އަދި ފުލުހުން ހިއްސާކޮށްފައިވާ ސީސީޓީވީ ފުޓޭޖުތަކުން ދައްކާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ 18 ވަނަ ދުވަހުގެ ފަތިހު 4:00 އާއި 5:00 އާ ދެމެދުގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅިގެން ވަޒީރު އަމީންއަށް ކުރެވޭ ތުހުމަތުތަމާ ގުޅިގެން ވަޒީރު ވިދާޅުވީ، ވަޒީރަށް ހާދިސާގެ މަޢުލޫމާތު ލިބިވަޑައިގެންނެވީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށާއި އެކި ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް