ޤުރުއާނުގެ ޢިލްމު ފެތުރުމަށް ފަށާފައިވާ މިސްކިތު ޤާރީ ކިލާސްތައް ހިންގުމަށް މިހާތަނަށް 34 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ޕްރޮގްރާމުގެ ދަށުން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި މީގެ 29 އަށްވުރެ ގިނަ ކިލާސްތައް ކުރިއަށްދާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މި ކިލާސްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ގިނަ ފަރާތްތަކުން ކިލާސް ހިންގުމުގެ ހުއްދައަށް އެދެމުންދާކަމަށް އެ ވުޒާރާއިން ބުނެފައިވާއިރު، އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.
މީގެ ތެރެއިން، ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވަޢުދަކަށްވާއިރު، ރަށްރަށުގައި ޤުރުއާން ކިޔަވައިދޭން ބޭނުންވާ އިމާމުން ގިނަކަމަށާއި ނަމަވެސް، އެ އިމާމުންނަށް ދިމާވާ މައިގަނޑު ދަތިކަމަކީ ޤުރުއާން ކިޔަވައިދޭނެ ޖާގަ ނެތުންކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. މި ކިލާސްތަކަކީ އެ އިމާމުންނަށް ފުރުޞަތު ފަހިވެގެންދާނެ ކިލާސްތަކެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކުރީގެ އަހަރުތަކުގައި މާލެ އާއި ބައެއް ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ކިލާސްތައް ހިންގި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ހިލޭ ކިލާސްތައް ހިންގިފައި ނުވާކަން ފާހަގަކުރެވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިސްކިތްތަކުގައި ޤުރުއާން ކިލާސް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރޭގައި 23 ރަށަކާއި 3 ޖަމްޢިއްޔާއެއްގެ އިތުރުން މާލެ ސަރަޙައްދުގެ 5 މިސްކިތް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ތަންތަނުގައި ކިލާސްތައް މިހާރު ވަނީ ފަށާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް