މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން 9 މީހެއްގެ ފޯނު ހިފަހައްޓައިފިކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެއީ ޖުމްލަ 9 މީހެއްގެ ފޯނު ކަމަށެވެ.
ހ. ފެންޓޯނިއާގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)، އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށްވެސް މިހާރުވަނީ ހަމަޖެހިފައެވެ. އެގޮތުން އާއިލާގެ ފަރާތުން ރޭ މީޑިއާތަކަށް މައުލޫމާތުދީފައިވާގޮތުގައި، ޔުމްނު ފުރުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ސްރީ ލަންކަން އެއާލައިންސް ފްލައިޓުން މެލޭޝިއާއަށް ކަމަށާއި ޔުމްނު ގެންދިޔުމާއި ބޭސްފަރުވާގެ ހުރިހާ ހަރަދެއް އެންސްޕާ މެދުވެރިކޮށް ސަރުކާރުގެ ހަރަދުގައި ހަމަޖައްސައި ދީފައިވާ ކަމަށް އާޢިލާގެ ފަރާތުން ބުނެފައިވެއެވެ.
ޔުމްނުއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައި ނަމަވެސް، މިހާރު އޭނާ ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ. ނަމަވެސް އަދިވެސް ހާލު ސީރިއަސް އެވެ. ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން، ހައްޔަރުކޮށްފައިވާ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލްގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން 8 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، ޔުމްނުއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ ހައްޔަރުކޮށް އޭނާގެ ބަންދަށް 05 ދުވަސް ވަނީ ޖަހާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް