ފުރާޅުމައްޗަށް ވެއްޓުނު ހާދިސާގައި އަނިޔާވި އަންހެންމީހާއާއެކު ފުޓޭޖްތަކުން ފެންނަ ރައުދު އަހުމަދު ޒިލާލު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މިރޭ 06:20 ކަންހާއިރު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 މިރޭ ހައްޔަރުކޮށްފައިވާކަމަށާއި އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ އެންމެންގެ ފޯނުވެސް ހިފަހައްޓާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ހިފެހެއްޓި ފޯނުތަކުގެ ތެރޭގައި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ކަމަށްވާ ހައްވާ ޔުމްނު ރަޝީދުގެ ފޯނުވެސް ހިމެނެއެވެ.
އަދި، އެ މައްސަލައިގައި މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ތިންވަނަ ފަންގި ފިލާވެސް ބަލާ ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ފުރާޅުމައްޗަށް ވެއްޓުނު އަންހެންމީހާ އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް