މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހިމެނޭ އެންމެން ހިފަހައްޓައި، އެމީހުން ފުރުން މަނާކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ، މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ 7:30 ހާއިރު އާންމު ފަރާތަކުން ކަމަށާއި، އެމްއެންޑީއެފްގެ އެހީއާއެކު އެ އަންހެންމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެ ދުވަހު 08:00 ހާއިރު ކަމަށެވެ.
އަދި އެ އަންހެންމީހާއަކީ ކާކުކަން ދެނެގަނެ، އޭނާގެ ޢާއިލާއަށް ހާދިސާގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އެ ހާދިސާ ހިނގައިދިޔަ ގޮތް ހޯދުމުގެ މަސައްކަތް އެހިސާބުން ފަށައި، އެ ކުއްޖާ ވެއްޓުނު އިމާރާތުގެ ވެރިފަރާތާ ގުޅައިގެން ސީސީޓީވީ ފުޓޭޖު ހޯދައި، ބެލި ބެލުމުން، އެ އަންހެން ކުއްޖާއާއެކު ހުކުރު ދުވަހުގެ ފަތިހު އިތުރު މީހަކު އުޅުނުކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކުއްޖާއާއެކު އުޅުނީ ގ. އެރިޔަދޫ، ރާއޫދު އަޙްމަދު ޒިލާލް (21 އ) ކަން ދެނެގަނެވިފައިވާ ކަމަށެވެ.
އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނާއި ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށާއި، ރާއޫދު އާއި ސުވާލުކުރުމުން އޭނާއާއެކު އިތުރު ހަތް މީހަކު އެރޭ މާލޭގެ އެހެން ދެ ގެއެއްގައި އެއްކޮށް އުޅުނުކަން އެނގިފައިވާ ކަމަށާއި، އެ އެންމެންގެ ބަޔާންވެސް ނަގައި ފުރުން މަނާކުރުމުގެ އިތުރުން، ރާއޫދު ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް