ކުރިއަށް އޮތް ނުވަ އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ސަރަހައްދީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އަދި ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
އަދި ސާފް ގޭމްސް، އޭޝިއަން ގޭމްސް ނުވަތަ ކޮމަންވެލްތު ގޭމްސްއެއް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން މިވަގުތު ކުރައްވަމުން އަންނަ މަސައްކަތަކީ މި ގޭމްސް ބޭއްވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުން ކަމަށާއި، ގޭމްސްގެ އެކި ކުޅިވަރުތައް ކުޅޭނެ ޒަމާނީ ތަންތަން ޤާއިމްކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.
މީގެ އިތުރުން، މި ގޭމްސްތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި އެތުލީޓުންނަށް ކަަމަށާއި، ބައިނަލްއަޤްވާމީ ގޭމްސްގެ މެޑަލަކާ ހަމައަށް ދިއުމަކީވެސް ސަރުކާރުން އިސްނަގައިގެން ތައްޔާރުކުރައްވަމުން އަންނަ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިކަން ކާމިޔާބު ކުރުމަށް ރާއްޖޭގައި ބާއްވާ އެކި އެކި މުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް އެކަށީގެންވާ ތަމްރީން ދިނުމާއި، ރަނގަޅު ފެންވަރުގެ ކޯޗުން ރާއްޖެ ގެނެސް، އެ ކުޅުންތެރިން ތަމްރީންކުރުމާއި, ކޯޗުން ތަމްރީން ކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
އަދި އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް ނުވަތަ އޮލިމްޕިކް ގޭމްސްގެ ޕޯޑިއަމް ފިނިޝްއާ ހިސާބަށް ދިއުމަކީ ހާސިލްކުރެވޭނެ ވަރުގެ ކާމިޔާބީއެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް