ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރި ނަމަވެސް އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ޕްރޮޖެކްޓްތަކުން ޕްރައިވެޓް ސެކްޓަރ ބާކީ ކުރާކަމަށް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށާއި، އެއީ މާނަކުރަންޖެހޭ ގޮތެއް ނޫންކަމަށާއި، އެ ފަރާތްތައް ބާކީ ނުކުރާނެކަމަށެވެ.
އަދި ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ، އެމަނިކުފާނުގެ ވައުދުފުޅުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވުންކަމަށާއި، ސަރުކާރު ކުންފުނިތަކަށް މަސައްކަތްތައް ޙަވާލުކުރަމުންދަނީ ބަޖެޓުގެ ތާށިކަމާ ގުޅިގެން މަސައްކަތްތައް މަޑުނުޖެހި ކުރިއަށް ގެންދިއުމަށްޓަކައި ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރ ސަޢީދު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ކުދި ވިޔަފާރިތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކުގެ އަޑުއަހައި، ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް