ތަޢުލަޤް ދީނީ ސުވާލު މުބާރާތް ހއ. ހޯރަފުށީގައި ފަށައިފިއެވެ.
މި އަހަރުގެ މި މުބާރާތް ކުރިއަށް ގެންދަނީ ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
އަދި މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝިޒްލީންއެވެ. މުބާރާތް ފައްޓަވައި ދެއްވައި ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި، މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވެ އިޖުތިމާއީ ފޭރާން ރަނގަޅުވެގެންދާނެކަން ފާހަގަކުރައްވައި ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.
އެޕްރީލް 20 އިން 24 އަށް ކުރިއަށް ގެންދާ މި މުބާރާތަކީ ހއ. އަތޮޅު މަދަރުސާގެ ގުރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ މި މުބާރާތް ކުރިއަށް ގެންދާ ހަތަރުވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގައި 60 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ. މި މުބާރާތަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް