އެމްޓީސީސީގެ ކުރީގެ ސީއީއޯ އާއި ކުރީގެ އިސްވެރިންތަކަކަށް ދައުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައަކީ، އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ، 2 ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް، އެ ކުންފުނީގެ ކުރީގެ ސީއީއޯ އާއެކު ކުންފުނީގެ ކުރީގެ ހަތަރު މުވައްޒަފަކަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައެކެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައި އޭރު ހުރި ޙަސަން ޝާހް (ބަގީޗާގެ / ސ.މަރަދޫފޭދޫ) އާއި، އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރގެ މަޤާމުގައި އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަޤާމުގައި އޭރު ހުރި ޝިފާޢު ޢަލީ (ހ.ފެއަރީޕެލަސް / ކ.މާލެ) އާއި، އެމް.ޓީ.ސީ.ސީގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ މަޤާމުގައި އޭރު ތިބި ޙުސައިން ޒުހުރީ (ޕާކީޒާ / ށ.ކޮމަންޑޫ) އާއި މުޙައްމަދު ނާޡިމް (މ.ޕޮމްޕިޔާ / ކ.މާލެ) އަދި އިސްމާޢީލް އަދުހަމް (ގ.ނިލަ / ކ.މާލެ) ގެ މައްޗަށް ކަމަށް އޭސީސީން މަޢުލޫމާތުދީފައިވެއެވެ.
އެގޮތުން، އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ޙަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ބާޠިލުކުރަންޖެހޭފަދަ ޚިލާފުތައްވެފައިވީނަމަވެސް، އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމެންޓާއި" "ޕްރޮގްރެސިވް ޕޭމެންޓު"ތައް ދޫކޮށްފައިވާ ކަމަށެވެ.
އަދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ޙަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާޠިލުކޮށްފައިނުވާ ކަމަށާއި، މި ޢަމަލުތަކުގެ ސަބަބުން އެމް.ޓީ.ސީ.ސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާކަމަށާއި، އެމްޓީސީސީގެ ކުރީގެ ވެރިންގެ މައްޗަށް ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އަދި ޝިފާޢު ޢަލީގެ މައްޗަށް އިތުރު ދަޢުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާ ކުރުމަށްވެސް ނިންމާފައިވާކަމަށާއި މި މައްސަލާގެ ތަޙުޤީޤުގައި އެމް.ޓީ.ސީ.ސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39,241,855.78ރ. ގެ ގެއްލުމުގެ އިތުރުން، ލިބިފައިވާ އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެ ކޮމިޝަނުން ވަނީ އެމްޓީސީސީ އަށްވެސް އަންގާފައިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް