މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފާއިތުވި ރޯދަމަހު ކުރިއަށް ގެންދިޔަ "އެކުވެރި ރޯދަ 30" ޕްރޮމޯޝަނުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ތިން މީހުންނަށް މިއަދު އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.
މިއަދު އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވަނީ ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.
ޢުމްރާ ދަތުރުގެ ފުރުޞަތު ލިބިފައިވަނީ ޝަމްރޫޒް އިބްރާހީމް (ދަފްތަރު ނަންބަރު ދރ 1672)، މުޙައްމަދު ސަރާޙް (އުދަރެސް، ތ. ތިމަރަފުށި) އަދި ޢަލީ ނާޡިމް (ގ. ރަންދެލިގެ) އަށެވެ. މި ފަރާތްތައް ހޮވާފައިވަނީ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމުގައި ބޭއްވި ގުރުއަތުލުމަކުންނެވެ.
މަޢުލޫމާތުލިބޭ ގޮތުގައި، މި ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކުން އިޢުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި އެ ދަތުރު ކުރަންވާނެއެވެ. އަދި އެ ފަރާތްތަކަށް ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން ފަރާތަކަށް ދަތުރު ބަދަލުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް