ގަން އެއާޕޯޓް މަޝްރޫއުގެ މަގުހެދުމުގެ މަސައްކަތް ލަސްވަނީ އިމާރާތެއް ހުސްނުކޮށްގެންކަމަށް އިމާރާތްކުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ، ގަން އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ޙަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެފައިވާކަމަށާއި އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ ޢިމާރާތް ހިމެނޭ ސަރަޙައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެކަމަށެވެ.
މީގެ އިތުރުން، އެ ޢިމާރާތަކީ އަދި ޢިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަރނޭނަލް އެއަރޕޯޓް ކޮންޕެނީގެ މިލްކެއްކަމަށާއި އެހެން ނަމަވެސް 2 އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް އެ ޢިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހަދާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޭގެ ސަބަބުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮންޕެނީއިން އެބިން ކޮންޓްރެކްޓަރާވަނީ ޙަވާލު ނުކުރެވިކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެފައިމިވަނީ، އައްޑޫ ސިޓީ ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި، އެ ބިން ކޮންޓްރެކްޓަރާ ޙަވާލުނުކުރެވުމުގެ ސަބަބުން، ކޮންޓްރެކްޓަރަށް ބަދަލު ދޭންޖެހިދާނެތީ، ހަދަމުންދާ މަގު ވަކި ހިސާބަކުން ހުއްޓާލުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައިވާކަމަށް ބުނެ އައްޑޫ ސިޓީގެ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގަން އެއާޕޯޓް މަޝްރޫޢަކީ މުޅި ދެކުނުގެ އަތޮޅުތައް ބައިނަލްއަޤްވާމީ އުދުހުންތަކާ ގުޅުވައިދީ، އައްޑޫ އަދި ދެކުނުގެ އެންމެހައި އަތޮޅުތަކުގެ ޓޫރިޒަމާއި އިޤްތިޞާދު ކުރިއެރުވުމަށް ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތްތަކުގެ ފޮނި ނަތީޖާއެއް ކަމަށާއި، އައްޑޫގެ ތަރައްޤީގެ މައި ނާރެހަކީ ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުކަމަށެވެ.
ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަކަމަށާއި، މި މަހު 17 ގެ ކުރިން މިކަމަށް ޙައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެކަމަށާއި އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ ޢިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ޙަވާލުކުރެވޭ ގޮތް ވުންކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް