ކީސްޓޭޖް- 3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް މިއަހަރު އެސެސްމެންޓް ދޭން ފެށޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މި ފެށުނު ދިރާސީ އައު އަހަރުގައި އެންމެ އިސްކަމެއް ދެއްވާނެ ކަންކަން ހާމަކުރައްވަމުން އެމަނިކުފާނުގެ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނެއުމާއި ދަރިވަރުންނަށް އުނގަންނަވައިދެވޭ ކޮންޓެންޓްގެ ފެންވަރު ރަގަޅު ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންކަމަށާއި، ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި، ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތްވެސް ފަށްޓަވާނެކަމަށެވެ.
ހަމައެއާއެކު، މިއަހަރު ކީސްޓޭޖް-3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް "ނާލޯ" އެސެސްމެންޓް ދޭން ފެށޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޅިން އަލަށް ރާއްޖޭގެ ފަށާ ތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަޤުވާމީ ލެވެލްގައި ބެންޗުމާކުކުރުން ހިމެނޭކަމަކަމަށާއި، ތައުލީމީ ދާއިރާގެ ސިޔާސަތުތަކާއި ނިންމުންތައް، ހެއްކާއި ޤަރީނާގެ މައްޗަށް ނިންމުމުގެ މުހިއްމު ކަމެއްކަމަށެވެ.
އަދި އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްޤީ ކުރެވިގެންދާ އައު އެޑިއުކޭޝަނަލް މެނެޖްމަންޓް އިންފޮމޭޝަން ސިސްޓަމްގެ މޮޑިއުލްތަށް މި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި ރޯލްއައުޓް ކުރުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް