މިފްކޯއިން މިއަދު މަސްވެރިންނަށް 7.65 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިއީ މި މަހުގެ 12 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް 48 މަސްދޯނިން ކިރުވި މަހަށް ދައްކާ ފައިސާއެވެ.
މިފްކޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފައިސާ މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދު ވަނީ ޖަމާކޮށްދެވިފައެވެ. އަދި އެހެން ބޭންކްތަކަށް ކުރަންޖެހޭ ޓްރާންސްފަރތައް ޖެހިގެން އަންނަ ބޭންކިންގ ހިދުމަތް ހުޅުވޭ ދުވަހު ހަވީރު 4:30 ގެ ކުރިން ކްލިއަރ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުން ގެންދެއެވެ. މީގެއިތުރުން، މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މިހާރު ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ވެސް ތެޔޮ ވިއްކާ ކަމަށާއި، އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ކަނޑަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް