ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެފައިވާ ފަހުމުނާމާއަށް ސަޢުދީ އަރަބިއްޔާގެ ކެބިނެޓުން ރުހުން ދީފިއެވެ. މި މުހިންމު ތަރައްޤީއާ ގުޅޭ މަޢުލޫމާތު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުދަ ދުވަހު ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ސޮއިކުރެވުނު މި ފަހުމުނާމާއަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ. މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދު އިޤުތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ސަޢުދީ އަރަބިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްއިން މި ފަހުމުނާމާއަށް ރުހުން ދިނުމާ ގުޅިގެން، ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް މަގުފަހިވެގެންދާނެއެވެ.
މި ފަހުމުނާމާގެ ދަށުން އަންނަ ކުރިއެރުންތަކާ ގުޅޭގޮތުން، އިޤުތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ "ރާއްޖޭގައި ވަރަށް އަވަހަށް ވިޔަފާރިއަށް ޚާއްޞަ ފޯރަމެއް ބޭއްވުމަށް ރޭވިފައިވާ" ކަމަށެވެ. އަދި މި ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އެއްބައިވުމަށާއި، އައު ވިޔަފާރީގެ ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް