ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް އިންޑިއާގެ ލޯކްސަބާގެ ރައީސް އޯމް ބިރްލާ ވިދާޅުވެއްޖެއެވެ.
މިކަން އޯމް ބިރްލާ ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ލޯކްސަބާއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވެވި މަޝްވަރާގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ މަޖިލީހުގެ ވެރިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުވުމުގައި މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ގޮތް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒަމާނީކުރުމަށް ބޭނުންވާ އެހީތެރިކަމަށް އެދިވަޑައިގެންފައިވެއެވެ.
ލޯކްސަބާގެ ރައީސް އޯމް ބިރްލާ ވަނީ މި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރުން، މަޖިލިސް މެންބަރުންނާއި މުވައްޒަފުން ތަމްރީނުކުރުމުގައިވެސް އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުވާލައްވައި، ރާއްޖެއަކީ އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" އަދި "ސާގަރް" ޕޮލިސީގައި މުހިންމު ބައިވެރިއެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މަޖިލިސް ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާވެސް ބައްދަލުކުރައްވާނެ ކަމަށް ވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް