އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަޤާމަށް ކުރިން ހުށަހެޅުއްވި ނަންފުޅު ބަދަލުކުރައްވައި، އެ މަޤާމަށް ޢަބްދުﷲ ނާޝިދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު ރައީސް މުޢިއްޒު ވަނީ އޭސީސީގެ ނައިބު ރައީސްގެ މަޤާމަށް އަޙްމަދު ނާޝިދުގެ ނަން ހުށަހަޅުއްވާފައެވެ. ނަމަވެސް ހޯމަ ދުވަހު މަޖިލީހަށް ފޮނުއްވި ސިޓީގައި އެ ނަންފުޅު ބަދަލުކުރެއްވުމަށް ނިންމެވި ކަމަށް ވިދާޅުވެ، އަޙްމަދު ނާޝިދުގެ ބަދަލުގައި ޢަބްދުﷲ ނާޝިދުގެ ނަން ހުށަހަޅުއްވާފައިވެއެވެ.
މިދިޔަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް މި ދެ މަޤާމަށް ބޭފުޅުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ހޮވަމުން އައީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ޢަބްދުﷲ ނާޝިދުގެ ނަން ދިރާސާކުރެއްވުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިފައެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ ޢަބްދުﷲ ނާޝިދު އޭސީސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ ދަށުން އުފެދުނު މިނިވަން މުއައްސަސާއެކެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުން ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް