ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ބައި-އިލެކްޝަންތަކުގައި ވާދަކުރި 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި، ޖުމްލަ 33 ގޮނޑި ޕީއެންސީއަށް ލިބިފައިވާކަން ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވިއެވެ.
"އަތޮޅު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި، ރަށު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި، ރަށު ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 29 ގޮނޑި މިއަދު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ކާމިޔާބީ ލިބުމުގެ އުފަލުގައި މާތްﷲ ގެ ހަޟްރަތަށް ހަމްދުކުރައްވާ، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރި އެންމެހާ ފަރާތްތަކަށާއި ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މިއަދު ބޭއްވުނު 12 ބައި-އިލެކްޝަންގެ ތެރެއިން ގިނަ ގޮނޑިތަކެއް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ނ. ލަންދޫ އަންހެން ކައުންސިލަރުކަމާއި، ގިނަ އަދަދެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑިތައް ހިމެނެއެވެ. މި ކާމިޔާބީއާއެކު ޕީއެންސީގެ ސަޕޯޓަރުން ދަނީ އުފާ ފާޅުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް